ސަސްޕެންޑްކޮށް ގޭގައި ތިއްބެވި ތިން ޑެޕިއުޓީ މިނިސްޓަރުންނަށް މިހާތަނަށް 567،000 ރުފިޔާ ދައުލަތުން ހަރަދުކޮށްފި އެވެ.
ޖެނުއަރީ މަހު މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފު އަދި މަހުޒޫމް މާޖިދު އެއްވެސް މަސައްކަތެއް ނުކުރައްވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފަސްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދު ކުރައްވާފަ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން އެދިގެން ޔޫތު މިނިސްޓްރީން ދީފައިވާ މައުލޫމާތުގައި ވާގޮތުން ތިން ނައިބު ވަޒީރުންނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 18،000 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އަދި ފޯނު އެލަވަންސްއަށް މަހަކު 1000 ރުފިޔާ، ޖުމްލަ 31،500 ރުފިޔާ ދެ އެވެ.
މި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިއާގައި އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. މި މައްސަލައިގައި އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ފަހުން ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ދިޔަ އެވެ.
އިސް މަގާމުތަކުގައި ތިއްބަވައިގެން ގައުމުގެ އަގު ވެއްޓޭ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަނަމަވެސް އޭގެ ބަދަލުގައި ގެއްލުން ދެއްވި ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން އެތަށް ފައިސާއެއް ހަރަދު ކުރުން މީ ސަރުކާރުން ގެންގުޅުއްވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރައްވާ ކަމެއްތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ރައީސް މުއިއްޒު ވަނީ ހަރަދަ ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ނިމިދިޔަ މަހު ވިދާޅުވެފަ އެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު އަދި އެބޭފުޅުންނަށް މުސާރައަށް ހޭދަކުރައްވާ މިންވަރު ވަނީ ސިއްރުކުރައްވާފަ އެވެ. ސަރުކާރަށް ހަތްމަސް ވީއިރު އަދިވެސް ސިޔާސީ މަގާމުތަކަށާއި އެމްބަސީ ތަކަށް ދަނީ ބޭފުޅުން އައްޔަނުކުރަމުން ނެވެ.
ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވަނީ ރައްޔިތުން ހަރަދުތައް ތިރިކޮށް ގަރުދިޔާ ބަތާ ކާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަލީ އާރިފް ގެ އިތުރުން އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ބައްޕަ ވެސް ހުންނަވަނީ ސިޔާސީ މަގާމުގައި ކަމަށް ބުނެ ރައްޔިތުންދަނީ ފާޑު ކިޔަމުންނެވެ.
ހިންގުމުގެ ޙަރަދު ކުޑަވެއްޖެ މަސައްކަތްނުކޮއް މުސާރަލިބޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން