ޝާހްރުކް ހާނާއި ދަރިފުޅު ސުހާނާ ހާން އެކުގައި ގެނިގެންދާ ފިލްމު ކިންގްގައި ވިލަންގެ ރޯލުން ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ. މިއާއެކު މި އެކްޝަން ފިލްމަކީ ގިނަބަޔަކު އިންތިޒާރު ކުރާ ފިލްމަކަށް މިވަނީވެފަ އެވެ.
ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް އާއި ރެޑް ޗިލީޒް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ ސުޖޯއި ގޯޝް އެވެ.
އަބީޝެކްގެ ބައްޕަ އަދި ތަޖުރިބާކާރު އެކްޓަރު އަމީތާބް ބައްޗަން ވަނީ އެކްސްގައި މިކަން ކަށަވަރުކޮށްދީފަ އެވެ.
އަބީޝެކް ކިންގްގެ ކާސްޓުންނާ ގުޅުނު ކަމަށް ބުނެ ލިޔެފައިވާ ހަބަރެއްގެ ސްކްރީން ޝޮޓެއް ހިއްސާކޮށް، ރާވަން ފަދަ ފިލްމުތަކުގައި އަބީޝެކްގެ އެކްޓިން ހުނަރަށް ތައުރީފުކޮށް އަމީތާބް ވަނީ އެކްސްގައި ޕޯސްޓްކޮށްފަ އެވެ. އަބީޝެކް މި ފިލްމުގައި ފެނިގެންދާނީ ވިލަންގެ ރޯލުންނެވެ.
ކަބީ އަލްވިދާ ނާ ކެހެނާ އާއި ހެޕީ ނިއު އިޔާ ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކުރި އަބީޝެކް އާއި ޝާހުރުކު ހާން އަނެއްކާވެސް މި ޕްރޮޖެކްޓުން އެކުގައި ފެނިގެން ދާނެ އެވެ. އަމްބާނީގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ފަހު ސުޕަސްޓާ ޝާހްރުކް އާއި އޭނާގެ ސުހާނާ އެނބުރި ލަންޑަނުގައި މިހާރު ދަނީ ކިންގްގެ ޝޫޓިންއަށް ތައްޔާރުވަމުންނެވެ.