ރާއްޖޭގެ ފުރަތަމަ ފަހަރަށް ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ގާއިމު ކުރުމަށް ގަސްދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަަށެވެ.

"މާތް ﷲ ގެ ވާގިފުޅާއެކު އެ ކަން ވެސް ހަގީގަތަކަށް ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގުރްއާން އުނގަންނައި ދިނުމަށް، ގުރްއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން މި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކާ އެއް ގޮތަށް އެ ފުޅާ މިނުގައި ގުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިއުމަށް ކީރިތި ގުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަކަށް އަންނަ އަހަރުން ފެށިގެން ވެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި "ދާރުއްސަލާމް" އަދި "ދާރުލްއަރްގަމް" ނަމުގައި ވަގްފު ދެ އިމާރާތް އެޅުމަށް ނިންމަވައި އެކަން އިއުލާން ކުރެއްވި އެވެ.