ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި 6 ބައި-އިލެކްޝަންގެ ތެރެއިން 5 ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދު ބައި-އިލެކްޝަން ބޭއްވީ ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި، ހުޅުމާލެ ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިހާބުކުރުމާއި، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިހާބުކުރުމަށެވެ. ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބުކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބުކުރުންވެސް ކުރިއަށްދިޔަ އެވެ.

މި ކާމިޔާބީ އާ ގުޅިގެން ޕީއެންސީގެ ރައީސް މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ 3 ގޮނޑިއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑިވެސް ކާމިޔާބު ކުރެއްވީ ޕީއެންސީ ކެނޑިޑޭޓުންނެވެ. މީގެ އިތުރުން 3 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި އެވެ. ނަމަވެސް އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލެއްވުމުން އެ ތިން ދާއިރާގައި އިންތިހާބު ނުބާއްވަ އެވެ. އެ ތިން ދާއިރާވެސް ލިބުނީ ޕީއެންސީއަށެވެ.

މިއަދުގެ ބައިލެކްޝަންގައި ޕީއެންސީ އާ ވާދަކުރީ އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓުންނެވެ. އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.

އެކަމާއި ގުޅިގެން ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވުމަށް އިއުލާނު ކުރި ކައުންސިލްތަކުގެ 8 ގޮނޑިން 7 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 1 ގޮނޑި އާއެކު ޖުމްލަ 8 ގޮނޑި އެ ޕާޓީން ކާމިޔާބު ކޮށްފައި ވާކަމަށެވެ.