ފަންނުވެރިންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިން ވިޒަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަންނުގެ ދާއިރާ އަކީ ވެސް އާމްދަނީ ހޯދުމަށް ކުރެވޭނެ މަސައްކަތަކަށްވާތީ އެ މަސައްކަތަށް ވަންނަން ބޭނުންވާ މީހުންނާއި މިހާރު މަސައްކަތުގައި ދެމިތިބި އާޓިސްޓުންނަށް އެހީވުމަށް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބަޖެޓުގައި 25 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި އެހީ ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބަޖެޓުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ހަމަޖައްސަވާ ދެއްވާނެ ކަމަށާއި ބައިނަލްއަގުވާމީ ފޯރަމްތަކުގައި އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ނެޝަނަލް އާޓް ގެލަރީގައި މިހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެ އެވެ. އޭގެ ތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ބެލުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.