މާލޭގައި ހުންނަ ފްރެންޗައިސް ރެސްޓޯރަންޓް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ މިމަހުގެ 20 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

މި މައްސަލާގައި ފުލުހުން ވަނީ 48 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އެކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް ވާގިވެރިވާ ބްރޭންޑަކަށްވާތީ ކޭއެފްސީ ބަންދުކުރުމަށް ގޮވާލާ ހަރަކާތްތައް ހިންގަމުންދެ އެވެ.

އަމީނީ މަގުގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ކައިރީ ދޭތެރެއަކުން އިހުތިޖާޖުކޮށް، އެ ބްރޭންޑުތައް ބޮއިކޮޓު ކުރުމަށް ގޮވާލާ ޒުވާނުންގެ ބަޔަކު އަންނަނީ މުޒާހަރާކޮށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް މުޒާހަރާއެއްގައި މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިފައެއް ނުވެ އެވެ.