ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވެއިލިން ވިޝަންސް 2024" މައުރަޒު ބައްލަވާލެއްވުމަށް ފަހު، ބޭއްވި ރަސްމިއްޔާތުގައި އަސްވާޑް ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތް އޭނާ ވިދާޅުވިއެވެ.

"އެކަމުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރަމުން މިދަނީ އައުޓްލައިން ތައްޔާރުކުރުމަށް. ކުރެހުމާއި ގުޅޭދާއިރާތައް އެ އައުޓްލައިންގައި ހިމެނޭ." އަސްވާޑް ވިދާޅުވި އެވެ.

"އެންމެ މުުހިންމު ކަމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް، ރާއްޖޭގައި ﷲ އިރާދަފުޅު ކުރެއްވިއްޔާ ރައީސްގެ ޒައާމަތް ނިމުމުގެ ކުރިން ތިޔަ ބޭފުޅުންނަށް ހުޅުވިގެން ދާނެ،،"

އަސްވާޑް ވަނީ ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން މައުރަޒްތައް ނެތް ކަމުގައިވާ ނަމަ، އާޓްގެލެރީ ބަންދުކޮށްފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް، ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކުވެސް ހާއްސަ ކަލެކްޝަނަކާ އެކު ފަތުރުވެރިންނަށް އާޓް ގެލެރީގައި ހުންނަ ފަންނުވެރިންގެ މަސައްކަތް ދައްކާލެވޭނެ ގޮތް ހަމަޖައްސާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.