ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރަން އެ ގައުމުތަކުން ހުއްދަ ދީފައިވާ ފެންވަރު ރަނގަޅު ޑޮކްޓަރީ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނޭގޮތް ސަރުކާރުން ހަމަޖައްސައިފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ބޭސްގަނެގެން ރާއްޖެ ގެންނަގޮތަށެވެ. އެސްޓީއޯ އިން ބުނީ މި ސިޔާސަތުގެ ދަށުން ބޭސް އުފެއްދުމުގެ މަރުޙަލާއިން ފެށިގެން ބަލިމީހާގެ އަތަށް ބޭސް ލިބުމާހަމައަށް ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ކަށަވަރު ކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހައި ބޭހެއް، މިނިޒާމުގެ ތެރެއިން ދަތިކަމެއް، މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިހާރު ރާއްޖެއިން ލިބެން ހުންނަ ބޭހުގެ ކޮލިޓީއާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ބޭނުންވާ އަސާސީ ގިނަ ބޭސްތަކެއް ރާއްޖެއިން ލިބެން ނުހުންނަ ކަމުގެ ޝަކުވާ ރައްޔިތުން ކުރެ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރިޔަސް ބޭސް ގަންނަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ.

ބޭސް އުފައްދާ ކުންފުނިން ރާއްޖެއަށް ސީދާ ބޭސް މިހާތަނަށް ނުގެ އެވެ. މިގޮތަށް ބޭސް ގެންނަންޖެހުމުން ދުނިޔޭގެ ނިސްބަތަށްވުރެ ރާއްޖޭގައި ބޭހުގެ އަގު 15 ގުނަ ބޮޑެވެ. އަދި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު 70 ގުނަ އަގުބޮޑެވެ.

ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު ފިނޭންސް މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމާއެކު އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ނިޒާމުގެ ތެރެއިން ގެންނަނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ މަރުހަލާ

  • މި އަހަރު ފުރަތަމަ 7 ބޭސް ދައުރުކުރަން ފަށާނެ
  • ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަ ކުރާނެ
  • އެއަށްފަހު އިތުރު 3 ބޭސް ދައުރު ކުރާނެ

ދެވަނަ މަރުހަލާ

  • ގިނަ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް ކުރުން
  • ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނިޒާމުގެ ތެރެއަށް ގެނައުން