ރައީސް އޮފީހުން މައުލޫމާތު ހާމަނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބައްލަވައި، ގާނޫނުގައިވާ ގޮތުގެ މަތިން ތަހްގީގު ކުރައްވައި، ތަހްގީގުގެ ހޯދުންތަކާއެކު އެއޮފީހަށް ފޮނުއްވައި ދެއްވުން އެދި، މިއަދު، ދިވެހި ފުލުހުންގެ ހިދުމަތުގައި ދަންނަވާފައިވާ ކަމަށެވެ.

މި ތަހްގީގު ހިނގާގޮތް އެ އޮފީހުން ގާތުން ބަލަމުން ދާނެކަމަށް ވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަހުގީގުގެ ހޯދުންތަކަށް ބަލައި، އެކަމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މައުލޫމާތޫ ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 65 ވަނަ މާއްދާ (ނިންމުންތަކަށް ތަބާވުން) ގައި އޮތީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް ޢަމަލު ވެސް ނުކޮށް ވަނިކޮށް، 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނޫ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، މި ސަރުކާރުން ވެސް އިއްޔެ ވަނީ އެ ނިންމުން އެ ކޯޓުގައި ދިފާއުކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.