ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރެވެ. އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި ވަފުދުގެ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ވަނީ މިކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި، ސަރުކާރުން ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް ދެއްވާ އިސްކަން ރައީސް ހާމަކުރެއްވި އެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ފަހުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.