މިއަދަކީ ދިވެހި ރާއްޖޭގެ 59 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ. ބޭރު ގައުމެއްގެ ހިމާޔަތުން ބޭރުވެ، މިނިވަންކަމުގެ ނޭވާއެއް ލީ ދުވަހެވެ. މި ދުވަސް ފާހަގަކުރާއިރު ދިވެހި ގައުމާއި ގައުމިއްޔަތުގެ ކުރިމަގު އޮތީ ކިހިނެއްތޯ ސުވާލު ކޮށްލެވެ އެވެ.

މިނިވަންކަމުގެ އުފާ ފާޅުކުރަމުންދާއިރު ކަންބޮޑުވާން ޖެހޭ ކަމަކީ މިއަދު އަހަރެމެންގެ ގައުމިއްޔަތު މިސްރާބު ޖަހާފައިވާ މަގެވެ. ބޮޑުވަމުން އަންނަ ޅަ ސިކުނޑިތަކުގައި ގައުމިއްޔަތާއި ގައުމީ ލޯބި އަށަގަނެފައި ނެތުމެވެ. މިނިވަން ކަމުގެ އެންމެ ބޮޑު އެއް އަސާސަކީ އަހަރުމެންނަށް ލިބިފައިވާ އަމިއްލަ މާދަރީ ބަހެވެ. އެހެން ނަމަވެސް ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަދައްކާ ކުޑަކުދިން މިއަދު އަހަރުމެންގެ ތެރޭގައި މަދެވެ.

ވާނީ ވެސް އެހެންނެވެ. މައިންބަަފައިންނާ މުއާމަލާތު ކުރުމުގައި ބޭނުންކުރެވެނީ ބޭރުގެ ބަހެކެވެ. ސްކޫލުގައި ކިޔަވައިދެނީ ބޭރު ބަހަކުންނެވެ. ޝައުގުވެރިވާނެ ފަދަ އުފެއްދުންތަކެއް ޓީވީއިން ވިޔަސް ފެންނަނީ ބޭރު ބަހަކުންނެވެ. ކަން މިހެން އޮތްއިރު އަމިއްލަ ބަހަށް އޮތް ލޯބި އިތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟

ދެން އޮތީ ތާރީހާއި ސަގާފަތެވެ. އިހު ދިވެހިންގެ ގޮތްފޮތާއި އާދަކާދަތަކަކީ މުސްކުޅި، އިހު ޒަމާނުގެ ފެޝަންގެ ގޮތުގައި ބެލެވެން ފަށައިފި އެވެ. އެ ސަގާފަތަކަށްޓަކައި ދިވެހިން ފަހުރުވެރިވި ދިވެހިންގެ އަމިއްލަވަންތަ ސަގާފަތް އެހެން ސަގާފަތްތަކާ މަސްހުނިވެ އޭގެ އަސްލު އޮޅިއްޖެ އެވެ.

އަމިއްލަ މާދަރީ ބަހަކާއި ތަފާތު ސަގާފަތެއް ލިބިފައި އޮތުމަކީ ދިވެހިންގެ މިނިވަން ކަމުގެ މުހިއްމު ބައެކެވެ. މި ކަންކަމަށް ބޭރުގެ ނުފޫޒު ވަދެ ދިވެހިވަންތަކަން ގެއްލިގެން ދިއުމަކީ މިނިވަންކަމަށް އޮތް ނުރައްކަލަކަށް ނޫނީ ނުވާނެ އެވެ.

ދެން ކުރެވޭ ސުވާލަކީ މިކަންކަން ހައްލު ކުރާނީ ކިހިނެއްތޯ އެވެ؟. ގައުމެއްގެ އެންމެ ވަރުގަދަ ރައުސުލްމާލަކީ އެގައުމެއްގެ ކުޑަކުދިން ކަމަށްވާއިރު އެ ކުދިންގެ ހިތްތަކުގައި ދިވެހި ބަހާއި ސަގާފަތަށް ލޯބި އަށަގެންނެވުމަކީ އެންމެ ފުރަތަމަ ކަމެވެ.

ދިވެހިންނަށް ދިވެހި ގައުމިއްޔަތުގެ މިނިވަންކަން ހިފެހެއްޓޭނީ އެހެންނެވެ. އަމިއްލަ ވަންތަ މިނިވަން ކަންކަމުގެ ގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ގެންދެވޭނީ އެގޮތުގެ މަތިންނެވެ.

އެހެން ނޫންނަމަ ދިވެހި ގައުމިއްޔަތެއް ނެތެވެ. ހަގީގީ މާނައިގައި މިގައުމުގެ މިނިވަން ކަމެއްވެސް ނެތެވެ. ކުރިއަށް އޮތީ ގައުމިއްޔަތުގެ އަޅުވެތިކަމެވެ.