މިނިވަންކަމަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމަށާއި ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ވަރުގަދަ ބަތަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރެއްވުމަށާ، ގައުމުގެ ސުލްހަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.