ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް މުހައްމަދު އަޒްމީލް ޖަލީލް އަށް އަނިޔާވުމުން ފަރުވާ ލަސްކުރިކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އެޗްއާރްސީއެމް އިން ބުނީ ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އަޒްމީލް ޖަލީލް ފުލުހުން ހައްޔަރުކުރުމަށް އެ ގެއަށް ގޮސް ހުއްޓާ އެ ގޭގެ ކުޑަދޮރަކުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓި އަނިޔާތަކެއްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ފުލުހުންގެ ފަރާތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލަ ދަނީ އެންޓި-ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގު ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މައުލޫމާތު ހޯދާ، ދިވެހި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދިފައިވާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން، ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ ސަރަހައްދުގައި ހުރި ސީ.ސީ.ޓީ.ވީ ކެމެރާ ހަލާކުވެފައި ހުރުމުން ލިބޭގޮތް ނުވިކަމަށާއި މީގެ އިތުރުން މި ހާދިސާގައި މުޙައްމަދު އަޒްމީލް ޖަލީލް ފުލުހުންގެ ބެލުމުގެ ދަށަށް މާލެ ކަސްޓަޑީއަށް ގެންގޮސްފައިވާތީ، ކަސްޓަޑީގައި ހަރުކުރެވިފައިވާ ކެމެރާތަކުގެ ފުޓޭޖް ބަލާފައިވާނެ ކަމަށެވެ. މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖްއަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި މި ހާދިސާ ހިނގުމުން ޢާއިލާއިން ވެސް އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އެދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
ފުލުހުންގެ ބަންދަށް ގެންދަން އުޅުމުގެ ތެރޭގައި މުހައްމަދު އަޒްމީލް ޖަލީލަށް އަނިޔާވީ ފިލަން އުޅެނިކޮށް ކުޑަދޮރުން މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަޒްމީލް ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައި ވާކަމަށް 17 ޖުލައި ގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަޒްމީލްގެ އާއިލާއިން ބުނަނީ އަޒްމީލު ވެއްޓި އަނިޔާ ވުމުންވެސް ފުލުހުން ހޮސްޕިޓަލަށް ނުގެންގޮސް ފަރުވާ ލަސްކުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އަޒްމީލްގެ ސިކުނޑިއަށް ލޭ އެޅި މައިބަދައިގެ ދެ ތަނެއްގައި ފްރެކްޗާ ހުރިކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ. އޭނާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.
އަމިއްލައަށް ލިބުނު އަނިޔާއެއްގައި އަމިއްލަ ނަފްސު ޒިންމާވާން ޖެހޭނެ. ނުކިޔަމަންތެރިޔާއަށް އިބްރަތަކަށް ފުދޭނެ.