ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން ހަ މަސް ތެރޭގައި ބާއްވަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަންޖެހެ އެވެ. މި އެންގުން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
ކައުންސިލްގެ ދައުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެ، އެކަން އެލްޖީއޭ އިން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނުވާ ގޮތަށް ވަނީ އިސްލާހުގައި ހިމަނައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ބަދަލުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލަފާދީފަ އެވެ. އީސީން ބުނީ އަހަރަކު ގާތްގަނޑަކަށް 20 ބައި-އިލެކްޝަނެއް ބާއްވާއިރު، ކޮންމެ ބައި-އިލެކްޝަނަކަށް ވެސް އެތައް ހަރަދެއް ހިނގާ ކަމަށެވެ. ނަމަވެސް އޭރު ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކަމާ ދެކޮޅު ހަދާފައިވެ އެވެ.