މި ދެ ބުއިމަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ދެ ބުއިމެވެ. އެހެން ނަމަވެސް ސިއްހަތަށް އެންމެ ރަނގަޅީ ސައިތޯ ނުވަތަ ކޮފީތޯ ކުރެވޭ ބަހުސަކީ ނިމުމެއް ނެތް ބަހުސެކެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ސައާއި ކޮފީއަކީ ވެސް ސިއްހަތަށް އެކި ގޮތްގޮތުން ފައިދާކުރާ މެދު މިންވަރެއްގައި ބޭނުން ކުރުން ރަނގަޅު ދެ ބުއިމެވެ.
ކޮފީގައި ގިނަ އަދަދަކަށް ކެފެއިން އެކުލެވޭއިރު އެއީ ހަކުރު ބަލިފަދަ ދާއިމީ ބަލިތަކުން ދުރުކޮށްދީ ކެންސަރު ފަދަ ފުރާނައަށް ނުރައްކާ ކުރުވާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ބުއިމެކެވެ.
އެހެން ނަމަވެސް ކޮފީއަކީ ބައެއް މީހުންނަށް ނިދުމުގައި ދަތިތަކުގެ އިތުރުން ގޮހޮރުގެ އުނދަގޫތައް ވެސް ކުރިމަތި ކުރުވާ ބުއިމެއް ކަމަށް މާހިރުން ފާހަގަ ކުރެވެ އެވެ.
ސަޔަށް ބަލާލާއިރު އޭގައި ގިނަ އަދަދަކަށް އެކުލެވޭ އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ބަނޑު ސާފުކޮށްދީ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްދެ އެވެ. އޭގެ އިތުރުން ސަޔަކީ ވިސްނުމުގެ ބާރުވެސް ރަނގަޅުކޮށްދޭ ބުއިމެކެވެ
ކަން އެހެން އޮތް ނަމަވެސް ގިނަ އަދަދަކަށް ސައި ބުއިމަކީ ހަށިގަނޑުގައިވާ ރަނގަޅު ޖަރާސީމުތައް ވެސް ބޭރުކުރުވާ ކަމަކަށްވާއިރު އޭގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތަކަށް ހުށައެޅެ އެވެ.
އެހެން ކަމުން ސައި ނުވަތަ ކޮފީ ބުއިމުގައި ބަލަންވީ އެމީހެއްގެ އަމިއްލަ ސިއްހަތަށް އޭގެ ސަބަބުން ކުރާނެ އަސަރުތަކަށް ކަމަށް މާހިރުން ލަފާދެ އެވެ.