ބޮޑުވަމުން އަންނަ ކުޑަކުދިންގެ ދިވެހި ކިޔުމާއި ދޭހަކުރުމުގެ ހުނަރު ކުރިއެރުވުމަށް "އަޔާންގެ ދޭހަ ފޮތް 1"ގެ ނަމުގައި ދޭހަ ފޮތެއް ނެރެފި އެވެ.

ނާޒިމާ ސަމީރު ލިޔުއްވާފައިވާ މި ފޮތަކީ 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ދިވެހި ބަހުގެ ދޭހަތަކާއި އޭގެ ސުވާލުތައް ހިމަނައިގެން ނެރެފައިވާ ފޮތެކެވެ.

ނާޒިމާ ވިދާޅުވީ މި ފޮތުގެ މަގްސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކޮށް ދިގު މުއްދަތުގައި އެ ކުދިންގެ ދިވެހި ބަހުގެ ހުނަރު ކުރިއެރުވުން ކަމަށެވެ.

އަމިއްލަ ދަރިފުޅަށް ދިވެހި އުނގަންނައިދެއްވުމުގެ ގޮތުން ނާޒިމާ އެންމެ ފުރަތަމަ ލިޔުއްވެވި މި ފޮތް އާއްމުކޮށް ނެރެން އޭނާ ނިންމެވީ އެފޮތް ބޭނުންކުރި އާއިލާ މެމްބަރުންނާއި ރަހްމަތްތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތައް ލިބުމުންނެވެ.

https://www.facebook.com/share/p/bYiwnwYjAS4KhqsL/?mibextid=oFDknk

އެގޮތުން މި ފޮތުގައި ކުޑަކުދިންގެ އުމުރާގުޅޭ ޝައުގުވެރި ގިނަ މައުލޫމާތު އެކުލެވޭ ދޭހަތައް ހިމެނޭނެ ކަމަށްވެސް ނާޒިމާ ވިދާޅުވި އެވެ.

މީގެ ކުރިން މަޖީދިއްޔާ ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ނާޒިމާ އިތުރަށް ވިދާޅުވީ މިހާތަނަށް އެ ފޮތް ގަނެފައިވާ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"އަޔާންގެ ދޭހަ ފޮތް 1" މިހާރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހުންނައިރު އެ ފޮތުގެ ދެވަނަ ބައެއްގެ މަސައްކަތް ވެސް ނާޒިމާ މިހާރު އަންނަނީ ކުރައްވަމުންނެވެ.

ނާޒިމާއަކީ އަދަބީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކުޅަދާނަ ލިޔުންތެރި އެކެވެ. އެގޮތުން ނޫސްތަކަށް ލިޔުއްވުމާއި ފޮތް ލިޔުއްވުން ފަދަ ކަންކަމަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ކުރައްވާ މަސައްކަތްތަކެކެވެ.

މިހާރުގެ ކުޑަކުދިންގެ ދިވެހި ކިޔުމާއި ލިޔުމުގެ ހުނަރު ދަށްވަމުން އަންނައިރު އަމިއްލަ މާދަރި ބަހަށް ދަރިން ހޭނުއްވުމުގެ ގޮތުން "އަޔާންގެ ދޭހަ ފޮތް 1" ދަރިންނަށް ހޯދައިދީ އޭގެ ބޭނުން ކުރުން ރަނގަޅުވާނެ އެވެ.