ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެނިފާ ލޮޕޭޒް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް 4.5 މިލިއަން ޑޮލަރު ހަދިޔާ ކޮށްފި އެވެ.

އެ އެހީގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ރައްޔިތުންނަށް ނުހަނު ބޭނުން ޖެހިފައިވާ ސާފު ބޯފެނާއި ކާބޯތަކެތީގެ އިތުރުން ސިއްހީ އާލާތްތަކެވެ. ޖެނިފާގެ މި އެހީއަކީ ހަނގުރާމައިގެ ސަބަބުން ބިކަވެފައިވާ އާއްމުންނަށް ބޭނުންވެފައިވާ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި އޭނާ ދިން އިންސާނީ އެހީ އެކެވެ.

ފަލަސްތީނަށް އެހީވަމުން އަންނަ ޖަމާއަތެއް މެދުވެރިކޮށް ޖެނިފާ ހަދިޔާކުރި އެ ފައިސާއިން އެތައް އާއިލާއެއްގެ ދަތި އުނދަގޫތަކަށް ލުއެއް ލިބިގެންދާނެ އެވެ.

ޖެނިފާއަކީ އަބަދުވެސް ދުނިޔޭގެ އިންސާނީ އެހީގެ ކަންކަމުގައި ވަރަށް ހަރަކާތްތެރި ތަރި އެކެވެ. އެގޮތުން އޭނާއަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަލަސްތީނުގެ ދިފާއުގައި ނުކުތް ހޮލީވުޑްގެ މަދު ތަރިންގެ ތެރެއިން އެކެކެވެ.

ޖެނިފާގެ މި ދީލަތި އެހީއާއެކު އިންސާނީ އެހީއަށް މަސައްކަތްކުރާ ދުނިޔޭގެ އެކި ޖަމާއަތްތަކުގެ އިތުރުން އާއްމުންގެ ތައުރީފު ވެސް އޭނާއަށް އަންނަނީ ލިބެމުންނެވެ.