އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަމިއްލައަށް ލިޔެފައިވާ އޮޓޯބައޮގްރަފީ "ދަ ވުމަން އިން މީ"ގެ މައްޗަށް ފިލްމެއް ހަދަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޑިސްޓްރިބިއުޝަން ކުންފުނި ޔުނިވާސަލް ސްޓޫޑިއޯސްއަށް އެ ފޮތުގެ ކޮޕީ ރައިޓްސް ލިބިފައިވާއިރު، އެކަން އެ ސްޓޫޑިއޯއިން ވެސް ވަނީ އިއުލާން ކޮށްފަ އެވެ.

ބްރިޓްނީގެ ފިލްމީ ހަޔާތުގައި އާއްމުންގެ ސަމާލުކަން އޭނާ ހޯދާފައިވާއިރު އަމިއްލަ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހުދު އޭނާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ވާދަވެރި ނީލަމަކުން ޔުނިވާސަލް ސްޓޫޑިއޯސް އަށް އެފިލްމުގެ ރައިޓްސް ލިބިފައިވާއިރު މާކް ޕްލޭޓް ޕްރޮޑިއުސްކުރާ އެ ފިލްމު ޑައިރެކްޓް ކުރާނީ "ކްރޭޒީ ރިޗް އިންޑިއަންސް" ވެސް ޑައިރެކްޓްކުރި ޖޮން ޗޫ އެވެ.

"ދަ ވުމަން އިން މީ"އަކީ ބްރިޓްނީގެ ހަޔާތުގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި އާއިލީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި އޭނާ އަމިއްލައަށް ލިޔެފައިވާ ފޮތެކެވެ.

މިދިޔަ އޮކްޓޯބަރު މަހު ނެރެފައިވާ ފޮތުގެ 2.5 މިލިއަން ކޮޕީ އެމެރިކާގައި އެކަނި ވެސް މިހާތަނަށް ވިކިފައިވާއިރު އަދިވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.