މިދިޔަ އާދީއްތަ ދުވަހަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްބާޒް ޚާންގެ 57 ވަނަ އުފަން ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭނާގެ އަންހެނުން ޝުރާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ.

އަރްބާޒްގެ ހެއްވާ މަޖާ ނެށުންތަކަކާއި އެ ދެމީހުން އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ ފޮޓޯ އެކުލަވާލައިގެން ތައްޔާރު ކޮށްފައިވާ އެ ވީޑިއޯގައި ޝުރާގެ ހާއްސަ މެސެޖެއް ވެސް ހިމަނާފައިވެ އެވެ. އެ ޕޯސްޓުގައި ޝުރާ ބުނެފައިވަނީ އަރްބާޒްއާއެކު ހޭދަކުރާ އެއްވެސް ވަގުތަކީ ފަނޑު ވަގުތެއް ނޫން ކަމަށާއި ހަޔާތުގެ ކޮންމެ ކަމެއްގައި ވެސް އެކުގައި ވާނެ ކަމަށެވެ.

"ތި ނެށުންތަކާއި ދައްކާ ވާހަކަތަކަކީ އެއާނުލާ އަހަރެންގެ ދިރިއުޅުން ވަރަށް ފަނޑުވާނެ ކަންކަން. ވަަރަށް ލޯބިވޭ،" ޝުރާ ބުނެފައިވެ އެވެ.

ޝުރާގެ އެ ޕޯސްޓަށް ކޮމެންޓް ކުރަމުން އަރްބާޒް ބުނެފައިވަނީ ލޯތްބަކީ ކަނު އެއްޗެއް ކަމަށާއި ނިހާޔަތަށް ޝުރާ ދެކެ ލޯބިވާ ކަމަށެވެ.

އަރްބާޒްއާއި ޝުރާ ކައިވެނި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވަރަށް ކުޑަ ކައިވެނީގެ ރަސްމިއްޔާތެއްގަ އެވެ. އޭގެ ކުރިން އަރްބާޒް ކައިވެނި ކޮށްގެން އުޅުނީ އެކްޓަރު މަލައިކާ އަރޯރާ ޚާންއާ އެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ހުރެ އެވެ.