ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް ފެށުމަށް ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ޝައުގުވެރިވާ މީހުން ހޯދަން އިއުލާން ކޮށްފި އެވެ

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިމާޖެންސީ ހާލަތަށާއި ޓޫރިޒަމަށް އެހީތެރި ވެދޭން ރާއްޖޭގައި ފަށާ ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭންވާނެ ކަމަށާއި ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރު ޓްރާންސްޕޯޓް ތައާރަފް ކުރަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތަށް ނިންމުމުން އެ މުއްދަތުގައި ރާއްޖޭގައި އެހެން ބަޔަކަށް އެ ހިދުމަތް ނުދެވޭނެ އެވެ.

މި ހިދުމަތް ފެށުމަށް ރާވާފައިވާކަން އިއުލާން ކުރައްވަމުން މިދިޔަ މޭ މަހު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެކަމުގެ ސަލާމަތީ ކަންކަން ބެލުމަށް އެންމެ ތަޖުރިބާހުރި އިނގިރޭސިވިލާތުގެ ސީއޭގެ ދިރާސާއެއް ހަދައި އެ ހިދުމަތް ދޭނީ އޭގައި ބުނާ މިންގަނޑުތަކަށް ކަމަށެވެ.