ސުނިދީ ޗޯހާންއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. މަޝްހޫރު ގިނަ ލަވަތަކެއް އޭނާ ކިޔައިދީފައިވާއިރު ސުނިދީއަކީ ފާޅުކަން ބޮޑު ގޮތެއްގައި އޭނާގެ ހިޔާލާއި ޝުއޫރު ހާމަކުރާ ފަރާތެކެވެ.

އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސުނިދީ މިވަނީ ބޮލީވުޑް މިއުޒިކް ދާއިރާގެ އަނދިރި ފަރާތް އާއްމުންނާ ހިއްސާ ކޮށްފަ އެވެ.

ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސުނިދީ ބުނީ އޭނާ ލައްވައި މަސައްކަތް ކުރުމަށްފަހު އަގު ނުދޭ ޕްރޮޑިއުސަރުން އެބައުޅޭ ކަަމަށާއި ގިނަ ލަވަކިޔުންތެރިން ހިމަނައިގެން އުފައްދާ ލަވަތަކުގެ އަގު ދޭއިރު އިންސާފުވެރި ނުވާކަން ވެސް ފާހަގަވާ ކަމަށެވެ.

އޭގެ އިތުރުން ވެސް ސުނިދީ ވަނީ މިހާރު ޓީވީ ޗެނަލްތަކުން ދައްކާ ރިއަލިޓީ ޝޯތަކުގައި އެއްވެސް އަސްލެއް ނުހިމެނޭ ކަމަށާއި އެ ހުރިހާ ޝޯތަކަކީ ވެސް ސްކްރިޕްޓް ކުރެވިގެން އުފައްދާ ޝޯތަކެއް ކަމަށެވެ.

"ޝީލާ ކީ ޖަވާނީ" އަދި "ޑޭޒީ ގާލް" ފަދަ ކާމިޔާބު ލަވަތައް ކިޔައިދީފައިވާ ސުނިދީއަކީ އިންޑިއަން އައިޑަލް ފަދަ ރިއަލިޓީ ޝޯތަކަށް އިންސާފު ވެސް ކޮށްދީފައިވާ ތަރި އެކެވެ.

މީގެ ކުރިން ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވެސް ވަނީ މި ބީދައިން ވާހަކަ ދައްކައި މިއުޒިކް ދާއިރާގައި ހުރި މައްސަލަތައް ފާހަގަ ކޮށްފަ އެވެ.