ކުރިއަށް އޮތް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ)ގެ ނޮމިނޭޝަން ލިސްޓުގެ އެއްވަނަ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޯދައިފި އެވެ.

އެމްޓީވީއިން އާއްމުކޮށްފައިވާ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި ޓޭލާ އުޅެނީ އެކި ކެޓަގަރީތަކުން ޖުމްލަ 10 ނޮމިނޭޝަންއާ އެކުގަ އެވެ.

ޓޭލާ ނޮމިނޭޓް ވެފައިވާ ކެޓަގަރީތަކުގެ ތެރޭގައި "ވީޑިއޯ އޮފް ދަ އިޔާ"، "އާޓިސްޓް އޮފް ދަ އިޔާ"، "ސޯންގް އޮފް ދަ އިޔާ" އަދި "ބެސްޓް ކޮލެބޮރޭޝަން" ހިމެނެ އެވެ.

ޓޭލާގެ އިތުރުން މިފަހަރުގެ ވީއެމްއޭއަށް ނޮމިނޭޓް ވެފައިވާ އެހެން ތަރިންގެ ތެރޭގައި އެރިއާނާ ގްރާންޑޭ، އެމިނެމް، ބިލީ އެއިލިޝް އަދި ޑޯޖާ ކެޓް ހިމެނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ވީއެމްއޭ އެވޯޑަކީ އެ އެވޯޑުގެ 40 ވަނަ އެޑިޝަން އެވެ.

އަހަރު ތެރޭގައި ނުކުންނަ މިއުޒިކް ވީޑިއޯތަކަށް ހާއްސަ ކޮށްފައިވާ ވީއެމްއޭ އެވޯޑުގެ ވަނަތައް ހޮވާނީ އެމްޓީވީގެ ބެލުންތެރިންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.