ފްރާންސްގެ ވެރިރަށް ޕެރިސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުން ދިރިއުޅެން ހަމަޖައްސާފައިވާ އޮލިމްޕިކް ވިލެޖުގައި ހަމަޖައްސާފައިވާ ކެއުމުގެ އިންތިޒާމުތައް ދަށްކަމަށް ތުހުމަތުކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ ފެތުންތެރިޔެއް ކަމަށްވާ އެޑަމް ޕީޓީ ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނަށް ހަމަޖައްސައިދީފައިވާ ކެއުމުގެ އިންތިޒާމުތަކަކީ އެވަރުގެ މުބާރާތަކާ ނުބައްދަލު އިންތިޒާމުތަކެއް ކަމަށެވެ.
އެގޮތުން ބައެއް އެތުލީޓުންނަށް އެމީހުންގެ ކާއެއްޗެހިން ދިރޭ ސޫފާސޫފި ވެސް ފެނިފައިވާ ކަމަށާއި ކެއުންތަކުގެ ފެންވަރު އާއްމުކޮށް ވެސް ވަރަށް ދަށް ކަމަށް އޭނާ ބުންޏެވެ.
ވާދަވެރި މުބާރާތެއްގައި ކެއިންބުއިމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު މިފަދަ ކަންތައްތައް ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެޑަމް ބުންޏެވެ.
މީގެ އިތުރުން ވެސް އެޑަމް ވަނީ އެތުލީޓުންނަށް ދެވޭ ކެއުމުގެ 60 ޕަސެންޓަކީ އެއްވެސް ބާވަތެއްގެ މަހެއް ނުލާ ތައްޔާރު ކުރާ ކެއުންތަކަކަށް ހެދުމަށް އޮލިމްޕިކް ކޮމެޓީއިން ނިންމި ނިންމުމަށްވެސް ފާޑުކިޔާފަ އެވެ.
ކެއިންބުއިމުގައި ހުރި މި މައްސަލަތަކުގެ ސަބަބުން އެތުލީޓުންނަށް އެމީހުންގެ އެންމެ ރަނގަޅު ފެންވަރު ނުދެއްކޭ ކަމަށް ވެސް އެޑަމް ބުންޏެވެ.
މީގެ ކުރިން ވެސް މި އަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި ބައެއް އެތުލީޓުން ވަނީ ފްރާންސްގެ އިންތިޒާމުތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.