ފުރުސަތު ލިބިއްޖެނަމަ އަދިވެސް ލޯބީގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް 1980 އާއި 1990ގެ އަހަރުތަކުގައި ބޮލީވުޑް ފިލްމުތަކުން މަޝްހޫރުކަން ހޯދި ސަންޖޭ ދަތު ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ބުނެފައިވަނީ އޭނާއަށް އަދިވެސް "ސާޖަން" ފަދަ ފިލްމެއް ކުޅެވިދާނެ ކަމަށެވެ. މިގޮތުން 1991 ވަނަ އަހަރު ނުކުތް "ސާޖަން"އަކީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ލޯބީގެ ފިލްމެކެވެ. ސަންޖޭގެ އިތުރުން އެ ފިލްމުގައި ދެން ފެނުނީ ސަލްމާން ޚާންއާއި މަދޫރީ ޑިކްސިޓް އެވެ.

މިހާރު އުމުރުން 65 އަހަރު ވެފައިވާ ސަންޖޭ އިތުރަށް ބުނީ ރަނގަޅު ސްކްރިޕްޓްއަކާއެކު ލޯބީގެ ފިލްމެއް ލިބިއްޖެނަމަ އެ ފުރުސަތަށް ނޫނެކޭ ނުބުނާނެ ކަމަށެވެ.

ބޮލީވުޑްގައި 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ސަންޖޭ ފާހަގަ ކުރެވިފައިވަނީ ބޮޑަށް "އެކްޝަން ހީރޯ" އެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް "ސާޖަން"އާއި "ރޮކީ" ފަދަ ފިލްމުތަކަކީ އާއްމުންގެ ސަމާލުކަން ހޯދި ސަންޖޭގެ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމުތަކެކެވެ.

މިހާރަކަށް އައިސް ސަންޖޭ އާއްމުކޮށް ފެންނަނީ ނެގެޓިވް ރޯލުތަކުން ކަމަށްވާއިރު އެފަދަ ރޯލުތަކަކީ ވެސް އޭނާ ކުޅޭހިތްވާ ރޯލުތަކެއް ކަމަށް ސަންޖޭ ބުނެ އެވެ.