އިންޑިޔާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ދިވެހި ސަރުކާރުން ހުށަހަޅައިފި އެވެ.

ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ އިންޑީޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރާ އެކު ބޭއްވި ދެ ގައުމުގެ މަޝްވަރާތަކުގައި މިކަން ހުށަހެޅުއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ރާއްޖެ އާއި އިންޑިޔާއާ ދެމެދު ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ޒަމީރު ފާހަގަ ކުރެއްވި އެވެ. އިގްތިސާދީ ކުރިއެރުމަށް ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރުމަށް ދެ ގައުމުން އެއްބާރުލުން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވާ، ޒަމީރު ވަނީ ރާއްޖެ އާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހުށަހަޅުއްވާކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ރާއްޖެ އާއި އިންޑިޔާއާ ދެމެދު ތައުލީމާއި ހުނަރު އިތުރުކުރުމާއި ސިއްހަތާއި ފަތުރުވެރިކަމާއި ޒުވާނުންނާއި ކުޅިވަރު އަދި ދިފާއާއި ސަލާމަތާ ގުޅޭ ކަންކަމުގައި އިންޑިއާގެ ހާރިޖީ ވަޒީރާ މަޝްވަރާކުރެއްވި ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

ދިރުންހުރި ނަފާކުރުވަނިވި ވިޔަފާރީގެ ގުޅުމެއް ދެ ގައުމުގެ މެދުގައި ބިނާކުރުމަށް މިހާރަށްވުރެ ހަރުދަނާ މެކޭނިޒަމްތަކެއް ތައާރަފުކުރަން ދެ ގައުމުގެ ސަރުކާރުތައް އޮތީ ތައްޔާރަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ގާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ވިޔަފާރިއާ ގުޅުންހުރި އެހެނިހެން އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެ އާއި އިންޑިއާގެ މެދު ވިޔަފާރީގެ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަކުރެވި ވިޔަފާރީގެ އައު މަގުތައް ހުޅުވިގެންދާނެ ކަމަށެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ އިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލައްވާނެ އެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.