ޕިކްސާގެ ކުރިއަށް އޮތް އެނިމޭޓަޑް ފިލްމު "އިންކްރެޑިބަލްސް 3"ގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުކުރު ދުވަހު ބޭއްވި ޑީ 23 އިވެންޓުގައި ޕިކްސާގެ ޗީފް ކްރިއޭޓިވް އޮފިސަރު ފީޓް ޑޮކްޓާ ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ ހާއްސަ ޕްރޮޖެކްޓްތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ޕީޓް ބުނެފައިވަނީ އިންކްރެޑިބަލްސް 3 ޑައިރެކްޓް ކުރާނީ އެ ފްރެންޗައިޒްގެ ފުރަަތަމަ ދެ ފިލްމު ވެސް ޑައިރެކްޓްކުރި ބްރެޑް ބާޑް ކަމަށެވެ.

މިދިޔަ ހޫނު މޫސުމުގައި ނެރުނު "އިންކްރެޑިބަލްސް 2"ވެގެން ގޮސްފައިވަނީ ޕިކްސާގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

"އިންކްރެޑިބަލްސް 3" ރިލީޒް ކުރާނެ ތާރީހަކާއި އެ ނޫންވެސް އިތުރު ތަފްސީލުތައް ޕީޓް ހާމަކޮށްފައި ނުވާއިރު މި އިއުލާނާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.

ޑީ23 އިވެންޓުގައި "އިންކްރެޑިބަލްސް"ގެ އިތުރުން "ޓޯއީ ސްޓޯރީ"ގެ އާ ފިލްމެއްގެ އިޝާރާތެއް ވެސް ޕިކްސާއިން ވަނީ ދީފަ އެވެ.