ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ހުއްދައަކާނުލާ އޭނާގެ ފިކުރީ މުދާ ބޭނުން ކުރުމުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއަށް އޭނާގެ ނުރުހުން ފާޅުކޮށްފި އެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ ދާދި ފަހުން ބޭއްވި އޭނާގެ ކެމްޕެއިން ހަރަކާތެއްގައި ސެލީންގެ މަޝްހޫރު ލަވަ "މައި ހާޓް ވިލް ގޯ އޮން" ބޭނުންކޮށްފަ އެވެ.

މިކަމާ ގުޅިގެން ސެލީންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުއްދަނެތި ސެލީންގެ ފިކުރީ މުދާ ބޭނުން ކުރަމުން އަންނަކަން ފާހަަގަވެފައިވާ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ކެމްޕެއިނެއްގައި ލޯބީގެ ލަވައެއް ބޭނުން ކުރަން ޓްރަމްޕްގެ ޓީމުން ނިންމި ނިންމުމަށް އެ ބަޔާނުގައި ހަޖޫ ޖަހައި މަލާމާތް ވެސް ކޮށްފައިވެ އެވެ.

ސެލީންގެ އިތުރުން ޑޮނަލްޑް ޓްރަމްޕް އެތަރިންގެ ލަވަތައް ބޭނުން ކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކުރި ތަރިންގެ ތެރޭގައި ރިއާނާ އަދި ރޯލިން ސްޓޯން ހިމެނެ އެވެ.

1997 ވަނަ އަހަރު ނުކުތް "މައި ހާޓް ވިލް ގޯ އޯން"އަކީ ހަމަ އެ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޓައިޓޭނިކް"ގައި ބޭނުން ކުރެވުނު ލަވައެކެވެ.