ކުދިބޮޑު ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ދިވެހި ފިލްމު "ރޮބޯމޭން – ދަ މޫވީ"ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ހުނަރުވެރި ހުށަހެޅުންތެރިޔާ ރޮބޯމޭން ފެނިގެންދާ ޚިޔާލީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޕޯސްޓަރު ދައްކާލުމަށް އަންގާރަ ދުވަހުގެ ރޭ ވަނީ ވައިޓް ރޫފްޓޮޕްގައި ޚާއްސަ ހަފުލާއެއް ބާއްވާފަ އެވެ.

ދިވެހި ފިލްމީދާއިރާގެ މަގްބޫލު ގިނަ ތަރިންތަކެއް ވަނީ މި ހަފްލާގައި ބައިވެރިވެފަ އެވެ.

މި ހަފްލާގައި އެންމެ ފާހަގަކުރެވުނު އެއް ނަންބަރަކީ އޮޑިޝަންތަކަކަށްފަހު މި ފިލްމުގައި ރޮބޯމޭންއާއެކު އެކްޓްކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ކުޑަދެކުދިންގެ ފެނިލުމެވެ. 100 އަށް ވުރެ ގިނަ ކުދިންނާއެކު ކުރިއަށް ދިޔަ އޮޑިޝަންތައް ގިރާކުރުމަށްފަހު ރޮބޯމޭން އާއެކު މިފިލްމުގައި އިސްރޯލުތަކުގައި އެކްޓުކުރުމުގެ ފުރުސަތު ލިބިފައި ވަނީ އަމީލިއާ ނަސްރުﷲ ޝަކީބު އަދި މިޝާ އިސްމާއިލް ނިޔާޒް އަށެވެ. މި ދެކުދިންގެ އިތުރުން ވެސް އެކި ރޯލުތަކުން ގިނަ ކުދިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ.

ދިވެހި ފިލްމު "ރޮބޯމޭން – ދަ މޫވީ"ގެ ޕޯސްޓަރު ދައްކާލުމަށް ބޭއްވި ހަފުލާގެ ތެރެއިން

މި ހަފުލާގައި ވަނީ މި ފިލްމުގައި ކެމިއޯ ރޯލުތަކުން ފެނިގެންދާ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމު އިންޑަސްޓްރީގައި ތަޖުރިބާކާރު ދެ އެކްޓަރުން ކަމުގައި މަރިޔަމް އައްޒަ އަދި ރަވީ ފާރޫގް ބައިވެރިވެ ޕްރޮޖެކްޓް އެގްރީމަންޓްގައި ސޮއިކޮށްފަ އެވެ. އެއާއެކު މި ފިލްމުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކާއެކު ވެސް ވަނީ މި ހަފުލާގައި ސޮއިކޮށްފަ އެވެ.

ހަފުލާ ނިންމާލުމުގެ ގޮތުން ވަނީ ބައިވެރިންނަށް މި ފިލްމުގެ ހާއްސަ ޓީޒާ ޓްރެއިލާއެއް ދައްކާލާފަ އެވެ. ފިލްމާ ގުޅުންހުރި އެންމެ ފަހުގެ އަޕްޑޭޓްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް "ރޮބޯމޭން – ދަ މޫވީ" އިންޓްސްޓަގްރާމް ޕޭޖުން ފެންނާނެ އެވެ.

މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު 26 ގަ އެވެ. އަދި އެއަށްފަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް މި އަހަރު ފަހުކޮޅު ބަލާލެވޭނެ އެވެ. މި ފިލްމަކީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާ މީޑިއާނެޓް ވީޑިއޯކްލަބް އަދި އޯކޭޒް އިންކްގެ ފަރާތުން ތައްޔާރުކުރާ ފިލްމެކެވެ.