ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯޓް ސިޔާސީ ދާއިރާއަށް ވަނުމާއެކު އޭނާއަށް ބައެއް ފިލްމުތައް ގެއްލެމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާގެ މަޖިލީހުގައި ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ ތަމްސީލު ކުރަމުން އަންނަ ކަންގަނާއަށް ދެ ދާއިރާގެ ކަންކަން އެއްވަރަށް ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ އެވެ.

މިކަމާ ބެހޭ ގޮތުން ކަންގަނާ ބުނީ މަޖިލިސް މެމްބަރުކަމަކީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމެއް ކަމަށާއި މިވަގުތު އޭނާގެ ދާއިރާގައި މޫސުން ގޯސްވެ ފެން ބޮޑުވުމުގެ ހާދިސާތައް ކުރިމަތި ވަމުންދާތީ މުމްބާއީއަށް ވުރެ ގިނައިން އުޅެން ޖެހެނީ މަންޑީގައި ކަމަށެވެ. ނަތީޖާއަކަށް ވަނީ އޭނާ މިވަގުތު މަސައްކަތް ކުރަމުން އަންނަ ފިލްމުތަކަށް ވެސް އެކަށީގެންވާ ވަގުތު ނުދެވި ދުވަހަކަށްވުރެ ދުވަހެއް ޝެޑިއުލް ފަސްވުމެވެ.

އެހެން ނަމަވެސް ސިޔާސީ ދާއިރާއާއި ފިލްމީ ދާއިރާގެ މަސައްކަތްތައް ހަމަހަމައަށް ގެންދަން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ"އަކީ އިންޑިއާގެ ސިޔާސީ ޝަހްސިއްޔަތެއް ކަމަށްވާ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. އެ ފިލްމުގައި އެކްޓު ކުރުމުގެ އިތުރުން ކަންގަނާއަކީ އެ ފިލްމުގެ ޑައިރެކްޓަރުވެސްމެ އެވެ.