ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ މިއަދަށް ތާވަލުކޮށްފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަރުކާރު މިއަދު ބަންދުކޮށްފައިވާތީ އާއި ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތަށް ފެނުގެ އަސަރު ކޮށްފައިވާތީ، ކޯޓުން ތާވަލުކޮށްފައިވާ ހުރިހާ މައްސަލަތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ވިއްސާރަވުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް ފެނުގެ އަސަރު ކުރާ މައްސަލައަކީ އެކޯޓުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. މީގެ ސަބަބުން އިމާރާތުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުން ވެސް ބުނީ އެކޯޓުގައި މިއަދު އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދާނެ ކަމަށާއި މިއަދު ރަސްމީކޮށް އެކޯޓު ބަންދުވާނެ ކަމަށެވެ.

ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައެޅީ، މިދިޔަ ތިން ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކުރި ވިއްސާރާގައި 20 އަށް ވުރެ ގިނަ ރަށުގައި ފެން ބޮޑުވެ ދިރިނޫޅެވޭ ވަރަށް ބައެއް ގެތަކަށް ގެއްލުން ލިބުމުންނެވެ. އޭގެ ބޮޑު އަސަރެއް ކުރީ މާލެއާއި ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށެވެ.