މިފަހުން ނުކުތް ހޮލީވުޑްގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި ފެންނަ ގެވެށި އަނިޔާގެ މަންޒަރުތަކާ ބެހޭ ގޮތުން ފިލްމުގެ ލީޑު ތަރި ބްލޭކް ލައިވްލީ ވާހަކަ ދައްކައިފި އެވެ.

ފިލްމުގެ ޕްރޮމޯޝަންތަކުގައި މި މައުޟޫއަށް ކުރެވުނު ސުވާލުތަކަށް ބްލޭކް އެއްވެސް ޖަވާބެއް ދީފައިނުވި ނަމަވެސް އެންމެ ފަހުން އޭނާ މިވަނީ އެކަމަށް ޖަވާބުދާރީ ވެފަ އެވެ.

ބްލޭކް ބުނީ ފިލްމުގައި އޭނާގެ ކެރެކްޓަރަކީ ހަމައެކަނި ގެވެށި އަނިޔާ ތަހައްމަލުކުރާ އަންހެނެއް ނޫން ކަމަށެވެ. އެގޮތުން އެކަމަކީ އެއްވެސް އަންހެނެއްގެ ޝަހްސިއްޔަތަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"އިޓް އެންޑްސް ވިތު އަސްއަކީ އަންހެނެއްގެ ތަޖުރިބާ. މި ފިލްމުން ފެންނާނީ އަންހެނެއްގެ ދިރިއުޅުމުގައި އަންނަ އުފާވެރިކަމާއި ހިތްދަތިކަން" ބްލޭކް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވެ އެވެ.

މި ފިލްމުގައި ގެވެށި އަނިޔާ ފަދަ ސީރިއަސް މައްސަލަތަކަށް އަލިއަޅުވާލާފައިވާއިރު މިހާތަނަށް ފިލްމުގެ އެއްވެސް ތަރިއަކު މިގޮތަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

"އިޓް އެންޑްސް ވިތު އަސް" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު ފިލްމަށް އާއްމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ބްލޭކްއާއި ފިލްމުގެ ފިރިހެން ލީޑް ޖަސްޓިން ބެލްޑޯނީއާ ދެމެދު ޖެހުނު މައްސަލައިގެ ސަބަބުންނެވެ.