ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ބީޖޭޕީގެ މަޖިލިސް މެމްބަރު ކަންގަނާ ރަނޯޓްއަކީ ބޮލީވުޑްގެ އިތުރުން ސިޔާސީ މަޝްރަހުގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ.

އެ ކާމިޔާބީތަކާއެކުވެސް ކައިވެންޏެއް ނުކޮށް ކަންގަނާ ހުސްކޮށް ހުންނަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. ދާދި ފަހުން އާއްމުވި ޕޮޑްކާސްޓެއްގައި ކަންގަނާ ވަނީ އޭނާގެ ޒަވާޖީ ހަޔާތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ދުވަހަކު ވެސް ކައިވެންޏެއް ކޮށް އަމިއްލަ އާއިލާއެއް ފަށާފާނެތޯ ސުވާލު ކުރެވުމުން ކަންގަނާ ބުނެފައިވަނީ އެއީ އޭނާގެ ހަޔާތުގައި ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

ކައިވެނި ކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ އެއީ މައްސަލަ ބޮޑު މައުޟޫއެއް ކަމަށާއި ކޮންމެ މީހަކަށް ވެސް ހަޔާތުގެ ބައިވެރިއެއް ބޭނުންވާނެ ކަމަށް އޭނާ ދެކޭ ކަމަށެވެ.

"އުމުރުން ދުވަސްވުމުން ކައިވެނިކޮށް ބައިވެރިޔާގެ ކަންކަމަށް ހޭނުމަކީ އުނދަގޫ ކަމެއް. އެހެންވީމަ އެންމެ ރަނގަޅުވާނީ ޅަ އުމުރުގައި ކައިވެނި ކުރުން،" ކަންގަނާ ބުންޏެވެ.

2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޒަވާޖީ ހަޔާތެއް ފަށައި ދަރިން ހޯދުމަކީ އުއްމީދެއް ކަމަށް ބުނެފަ އެވެ.