ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް 2022 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި މިހާރު ގުނަމުން އަންނަނީ އޭނާގެ ހޮލީވުޑް ކެރިއަރުގެ ފަހު ހާފު ކަމަށް އޭނާ ބުނެފައިވެ އެވެ.

އެއާއެކު ބްރެޑް ފިލްމު ކުޅުން ހުއްޓާލައި ހޮލީވުޑްއާ ދުރަށް ދަނީތޯ ގިނަ ބަޔަކު ސުވާލު ކުރަން ފެށި އެވެ. އެންމެ ފަހުން އޭނާ މިވަނީ އެ ސުވާލުތަކަށް ޖަވާބުދީފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބްރެޑް ބުނެފައިވަނީ އޭނާ ބުނި ބުނުމުގެ މާނައަކީ މިހާތަނަށް ކުރަމުން އައި މަސައްކަތްތައް މަދުކޮށްލުން ކަމަށެވެ.

"އަހަރެން މިހާރު ބޭނުންވަނީ އަހަންނާއެކު އުޅޭ މީހުންނާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން. އަދި ދިރިއުޅުމުގެ އެހެން ތަޖުރިބާތައް ކުރަން،" ބްރެޑް ބުންޏެވެ.

މީގެ އިތުރުން ބްރެޑް ވަނީ އަދި ހޮލީވުޑް އެއްކޮށް ދޫކޮށްލަން ގަސްދު ނުކުރާ ކަމަށާއި ކޮންމެވެސް ވަރަކަށް ކެމެރާ ކުރިމަތިން ފެންނާނެ ކަމަށް ބުނެފަ އެވެ.

މިހާރު އުމުރުން 60 އަހަރުގެ ބްރެޑް މިފަހުން މީޑިއާގެ ފަލަ ސުރުހީތަކަށް އަރާފައިވަނީ އޭނާގެ ފިލްމީ މަސައްކަތްތަކަށްވުރެ ބޮޑަށް ޒާތީ ދިރިއުޅުމުގެ ސަބަބުންނެވެ.