ކުރިއަށް އޮތް އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެވޯޑްސް (އައިފާ އެވޯޑްސް) 2024އަށް ވާދަކުރާ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި އެވެ.
އިއްޔެގެ ވަގުތެއްގައި ނޮމިނޭޝަންތައް އިއުލާން ކުރިއިރު، ނޮމިނޭޝަންތަކުގެ ތެރޭގައި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ނުކުމެފައިވާ މަޝްހޫރު ފިލްމުތަކާއި އޭގެ ތަރިން ހިމެނެ އެވެ. އެގޮތުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވި ތަރިންގެ ތެރޭގައި ޝާހްރުކް ޚާން (ޕަތާން / ޖަވާން)، ރަންބީރު ކަޕޫރު (އެނިމަލް) އަދި ރަންވީރު ސިންހް (ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ) ހިމެނެ އެވެ.
އެ ކެޓަގަރީގެ އަންހެން ބަޔަށް ވާދަކުރާ ތަރިންގެ ތެރޭގައި އާލިއާ ބަޓް (ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ)، ދީޕިކާ ޕަދުކޯން (ޕަތާން)، ކިއާރާ އަދްވާނީ (ސަތުޔާޕްރޭމްކީ ކަތާ) ހިމެނެ އެވެ
މިއަހަރުގެ އެވޯޑުގައި އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ ފިލްމު "އެނިމަލް" އަށެވެ. އެ ފިލްމަށް ޖުމްލަ 11 ނޮމިނޭޝަން ލިބުނުއިރު ދެވަނައަށް ދިޔަ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ އަށް ލިބުނީ 10 ނޮމިނޭޝަން އެވެ.
2024 ވަނަ އަހަރުގެ އައިފާ އެވޯޑްސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ން 7 އަށް އަބޫދާބީގެ އިއްތިހާދު އެރީނާގަ އެވެ.