މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ހޮލީވުޑްގެ ތަރި މެތިއު ޕެރީގެ މަރާ ގުޅޭ އާ ކަންތައްތަކެއް ފުލުހުންނާއި މީޑިއާއަށް ހާމަވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މެތިއު މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެކި ފަހަރު މަތިން އޭނާ ހޭނެތިފައި އޮއްވާ އޭނާގެ މުވައްޒަފުންނަށް ވަނީ ފެނިފަ އެވެ.

މި މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވަނީ ދާދި ފަހުން ހައްޔަރު ކުރެވުނު މެތިއުގެ ޕާސަނަލް އެސިސްޓަންޓްއާ ކުރެވުނު ތަހުގީގުގެ ސުވާލުތަކުންނެވެ.

އެ އެސިސްޓަންޓަކީ މެތިއު މަރުވި ދުވަހު އޭނާގެ ހަށިގަނޑަށް ކެޓަމައިން އިންޖެކްޝަން ޖެހި ފަރާތެވެ. މެތިއު މަރުވި ކަމަށް އޭނާގެ މަރުގެ ރިޕޯޓުގައި ވަނީ އެނެސްތޭޝިއާގެ ބޭހެއް ކަމަށްވާ ކެޓަމައިން އޯވާޑޯޒް ވުމެވެ.

މެތިއު މަރުވިއިރު އޭނާ އައީ ނަފްސާނީ ގިނަ ބަލިތަކަކަށް ފަރުވާ ކުރަމުން ކަމަށާއި އެ ފަރުވާތަކުގެ ތެރެއިން ވަރަށް ގިނަ އިންޖެކްޝަންތައް އޭނާގެ ހަށިގަނޑަށް ޖެހާ ކަމަށް ބުނެވެ އެވެ.

އޭނާގެ މަރަކީ އެކްސިޑެންޓަލް މަރެއްގެ ގޮތުގައި ބެލެވޭ މަރެއް ނަމަވެސް އެ މައްސަލައާ ގުޅިގެން މެތިއުގެ އެސިސްޓަންޓް ހިމެނޭހެން ފަސް މީހަކު ވަނީ ދާދި ފަހުން ހައްޔަރު ކުރެވިފަ އެވެ.

މެތިއު ޕެރީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވަނީ މަޝްހޫރު އެންބީއެސް ސިޓްކޮމް "ފްރެންޑްސް"ގައި އޭނާ ދައްކައިދިން ރޯލުންނެވެ.