ދާދި ފަހުން ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާއާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލްގެ ގެ ވިއްކާލަން އިއުލާން ކޮށްފި އެވެ.

މުމްބާއީގެ ރަނގަޅު ސަރަހައްދެއްގައި ހުންނަ "ސީ ފޭސިން" ގެ ވިއްކާލަން އިއުލާން ކޮށްފައިވަނީ 25 ކްރޯޑް އިންޑިއާ ރުޕީސް އަށެވެ.

ޖުމްލަ 4200 އަކަފޫޓުގެ އެ ގެއަކީ ޒަމާނީ ވަސީލަތްތަކާއެކު އެންމެ ފަހުގެ ފެންވަރަށް ހަދާފައިވާ ރީތި ގެއެކެވެ. އެގޭގައި ދެ ކޮޓަރީގެ އިތުރުން ބަގީޗާ ސަރަހައްދެއް ވެސް އޮވެ އެވެ.

މި ގެ ސޮނާކްޝީއާއި ޒަހީރުއަށް ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ މިދިޔަ ޖޫން މަހު އޮތް އެ ދެމީހުންގެ ކައިވެނި ހަފްލާ އޮތް ގެއަށް ވުމެވެ.

އެފަދަ ހާއްސަ ގެއެއް ވިއްކާލަން އިއުލާން ކުރުމުން އާއްމުންގެ މެދުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން އެ ދެމީހުންގެ ކައިވެނި ރޫޅުނީތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރަމުންދެ އެވެ.

2017 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސޮނާކްޝީއާއި ޒަހީރު ކައިވެނިކުރީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.