ޝްރައްދާ ކަޕޫރަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ހުނަރުވެރި އަންހެން ތަރިންގެ ތެރޭގައި ގުނާލެވޭ ތަރިއެކެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނާގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.
އެގޮތުން އެންމެ ފަހުން ނުކުތް އޭނާގެ ފިލްމު "ސްޓްރީ 2"އާއެކު އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވަނީ 91.5 މިލިއަނަށް އަރާފަ އެވެ. އެއާއެކު ޝްރައްދާ ވަނީ އިންސްޓަގްރާމްގައި ތިންވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ އިންޑިއާއަށް ނިސްބަތްވާ ޝަހްސިއްޔަތުގެ މަގާމު ހޯދާފަ އެވެ.
އެ ލިސްޓުގެ ތިންވަނައަށް ޝްރައްދާ ޖެހިލާފައި މިވަނީ ކުރިން އެ ޝަރަފު ލިބިފައި އޮތް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
އެ ލިސްޓުގެ އެއްވަނައިގައި 270 މިލިއަން ފޮލޯވަރުންނާއެކު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އޮތްއިރު ދެވަނައިގައި 91.8 މިލިއަން ފޮލޯވަރުންނާއެކު އޮތީ ޕްރިޔަންކާ ޗޯޕްރާ އެވެ.
އެހެން ނަމަވެސް ޝްރައްދާގެ އެކައުންޓަށް އާ ފޮލޯވަރުން ލިބެމުން އަންނަ ނިސްބަތަށް ބަލާއިރު ދާދި އަވަހަށް އޭނާ ޕްރިޔަންކާ ވެސް ފަހަތަށް ޖައްސާލާނެ ކަމަށް ބެލެވެ އެވެ.