ސުޕަ މޮޑެލް ގިގީ ހަދީދްއާއި ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ ދަރިފުޅު ކައި މަލިކްގެ އާ ފޮޓޯތަކެއް އޭނާގެ މަންމަ ގިގީ ހިއްސާ ކޮށްފި އެވެ.

ގިގީގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އޭނާއާއި ކައިގެ ހޫނު މޫސުމުގެ ޗުއްޓީގައި ނަގާފައިވާ އެކި ފޮޓޯތައް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި ކައި އޭނާގެ މަންމަގެ އުނގުތެރޭގައި އޮންނައިރު އިތުރު ފޮޓޯއެއްގައި ފިޔާތޮށި ކުލައިގެ ރޯބްއެއް ލައިގެން ސްވިމިން ޕޫލެއްގެ ކައިރީގައި ކައި މަޑުކޮށްގެން ހުންނަ މަންޒަރު ފެނެ އެވެ.

https://www.instagram.com/p/C-71WwaONBP/?utm_source=ig_embed&ig_rid=55445758-a63d-4629-97d9-bde7a886e390&img_index=1

އެހެން ނަމަވެސް އެއިން އެއްވެސް ފޮޓޯއެއްގައި ކައިގެ މޫނެއް ނުފެނެ އެވެ. ކައިގެ އުމުރުން ހަތަރު އަހަރުވާން ކައިރިވެފައި ވީނަމަވެސް މީޑިއާއަށް އޭނާގެ މޫނު ފެނިފައެއް ނުވެ އެވެ.

ކައިގެ މި ފޮޓޯތަކާއެކު އޭނާގެ މަންމަ ފަދައިން ކައިގެ ފެޝަން ސްޓައިލަށް ވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އެގޮތުން ބޮޑުވެގެން އޭނާގެ ފެޝަން ސްޓައިލް ވަރަށް ތަފާތުވާނެ ކަމަށް ގިނަ ބަޔކު އަންނަނީ ބުނަމުންނެވެ.

ކައިއަކީ ގިގީއާއި އޭނާގެ ކުރީގެ ބައިވެރިޔާ ޒޭން މަލިކްއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. 2015 ވަނަ އަހަރުން ފެށިގެން އެކުގައި އުޅުނު އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައީ 2021 ވަނަ އަހަރު އެވެ.