މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާއަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި ތަރިއެއް ނަމަވެސް އޭނާގެ އާއިލާގެ އެކުގައި ފެންނަނީ މަދު ފަހަރަކު އެވެ.
އެެހެން ނަމަވެސް ދާދި ފަހުން މެޑޯނާ މިވަނީ އޭނާއާއި އޭނާގެ ހަ ދަރިން އެކުގައި ހޭދަކުރި ދުވަސްތަކުގެ ކުޑަ މިންވަރެއް ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި މެޑޯނާ ހިއްސާކުރި ފޮޓޯއެއްގައި އޭނާއާއެކު އޭނާގެ ހުރިހާ ދަރިން އެކުގައި ތިބި މަންޒަރު ފެނެ އެވެ. އޭގެ ތެރޭގައި އޭނާގެ އުފަން ދަރިންނާއި ގާނޫނީ ބަލަދުވެރިކަމާ ހަވާލުވެފައިވާ ދަރިންވެސް ހިމެނެ އެވެ.
މި ފޮޓޯއަކީ މެޑޯނާއަށް 66 އަހަރު ފުރުނު އުފަން ދުވަސް ފާހަގަ ކުރަން އެ އާއިލާ އެއްކޮށް އިޓަލީގައި ހޭދަކުރި ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯ އެކެވެ.
އޭގެ ދުވަސްތަކެއް ކުރިން މެޑޯނާ ވަނީ އޭނާގެ ދަރިފުޅު ރޮކޯގެ 28 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި މެޑޯނާގެ ސިއްހީ ހާލަތު ދަށްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ފަހުން އޭނާގެ އާއިލާއިން އޭނާއާއެކު ވަގުތު ހޭދަކުރެވޭތޯ މަސައްކަތް ކުރެ އެވެ.