ބޮލީވުޑްގެ ތަރި އަޔޭޝާ ޓާކިއާގެ ބުރުސޫރަ ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ފާޑުކިޔާ މީހުން އިތުރުވުމާއެކު އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފި އެވެ.

މި އަޑުތައް ގަދަވެފައި ވަނީ އަޔޭޝާ އެންމެ ފަހުން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފޮޓޯގައި އޭނާގެ މޫނުމައްޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުންނެވެ.

އެގޮތުން އޭނާގެ ނޭފަތާއި ތުންފަތުން ވެސް ބޮޑު ބަދަލުތަކެއް ފާހަގަވާއިރު އެ ބަދަލުތަކަކީ ފޭސް ލިފްޓިންއާއި ލިޕް ޖޮބް އަދި ނޯސް ޖޮބްގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުންދިޔަ އެވެ.

އިސާހިތަކު އަޔޭޝާގެ އެ ފޮޓޯ އިންޓަނެޓުގައި ވައިރަލްވެ ގިނަ ބަޔަކު އޭނާއަށް ފުރައްސާރަ ކުރަން ފެށި އެވެ. އެގޮތުން އަޔޭޝާއަކީ އަސްލު ވަރަށް ރީތި އެކްޓަރެއް ކަމަށާއި އެހެން ނަމަވެސް ޕްލާސްޓިކް ސާޖަރީގެ ސަބަބުން އޭނާގެ ބުރުސޫރު ހަޑިވީ ކަމަށް މީހުން ބުނެ އެވެ.

"ވޯންޓެޑް"، "ސަލާމް އޭ އިޝްގް" އަދި "ޕާތުޝާލާ" ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދި އަޔޭޝާގެ ބުރުސޫރައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑުގަދަވެ އެވެ.

އެގޮތުން އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހު އެ އަޑުތައް ގަދަވުމާއެކު އަޔޭޝާ ވަނީ ފާޑުކިޔާ މީހުންނަށް ހޫނު ރައްދެއް ވެސް ދީފަ އެވެ.