މަޝްހޫރު ލަވަކިޔުންތެރިޔާ ކާޑިބީގެ ހަމުގެ ކުލަ އަލިކުރަން "ސްކިން ބްލީޗިން" ހަދާފައިވާ ކަމަށް ބުނެ އޭނާގެ އިންސްޓަގްރާމްގައި ކޮމެންޓް ކުރި މީހަކަށް ހޫނު ރައްދެއް ދީފި އެވެ.

ކާޑިބީ ހިއްސާކުރި ފޮޓޯއަކަށް ކޮމެންޓް ކުރަމުން އެ މީހާ ކާޑިބީ އާދަޔާ ހިލާފަށް ދޮން ކަމަށް ބުނެ ސްކިން ބްލީޗިން ހެދިތޯ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޖަވާބު ދެމުން މިވަގުތު އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިން ކާޑިބީ ބުނީ ބަލިވެ އިނދެ އެފަދަ ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

އެއާއެކު ކާޑިބީ ބުނެފައިވަނީ އޭނާއަކީ އެނީމިއާގެ ބަލިމީހެއް ކަމަށާއި ތިންވަނަ ދަރިފުޅަށް ބަލިވެ އިން ފަހުން އެކަމުގެ އަސަރުތައް ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.

އެނީމިއާއަކީ ހަށިގަނޑުގައި ދައުރުވާ ލޭގައި ރެޑް ބްލަޑް ސެލްސް މަދުކުރުވާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ލޭ މަދުވެ މީހާ ބައެއް ފަހަރު ހުދުވާ ގޮތްވެ އެވެ.

ކާޑިބީގެ އެ ރައްދާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ހަގީގަތް ނޭނގި ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމީހުން ބުނަމުންދެ އެވެ.