ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓުތައް ދިނުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިމުނުތާ ދެ އަހަރެއްހާ ދުވަސްވީއިރު ވެސް، އެ ފްލެޓްތައް ލިބުނު މީހުންނަށް އަދިވެސް ހަވާލެއް ނުކުރެ އެވެ.
މަޖިލިހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހިޔާ ފުލެޓާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމަށް ވަނުމަށް ގޮސް ބައްދަލުވުމަށް ނުވަދެވުނު އާންމުންނާ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ފްލެޓް ކޮމިޓީން ނެރުނު ލިސްޓުން ފްލެޓް ގެއްލުނު ފަރާތްތަކުގެ ޝަކުވާތައް ވެސް އަޑުއެއްސެވި އެވެ.
ފްލެޓް ދިން ލިޔުމުގެ ސައްހަކަމާ ބެހޭ ގޮތުން އާއްމުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ މަޖިލިހުން އެއާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ދައުލަތުގެ ނިޝާނު ޖަހާފައިވާ ލިޔުމަކީ އެއަށް އިހުތިރާމުކުރަންޖެހޭ ލިޔުމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެ ކޮމިޓީ ބައްދަލުވުމުގައި ބަންޑަރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ހިޔާ ފްލެޓްތަކުގެ ލިޔުމަކީ ގާނޫނީ ގޮތުން އިލްތިޒާމެއް އުފައްދާނެ ލިޔުމެއް ނޫން ކަމަށެވެ. އަދި އެ ލިޔުންތައް ބާތިލުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ފުލެޓު ގެއްލުނު ފަރާތްތަކުން ވަނީ އެ މީހުން ދިރިއުޅޭ ތަންތަނަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ނަޝީދު އަރިހުން އެދިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހަށް ބަހާލައިގެން އެ މީހުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރައްވައި ޙާލަތު ބައްލަވާނެ ކަމަށެވެ. އަދި މާލެއިން ބޯހިޔާވަހިކަން ހައްގުވާނީ މާލޭގައި ދިރިއުޅޭ މާލޭގައި ރަޖިސްޓަރީވެފައިވާ އަދި މާލެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކޮމިޓީ ބައްދަލުވުމަށް ދިޔަ ގިނަ އަދަދެއްގެ އާއްމުން ނުވަދެވިގެން މަޖިލީހުގެ ބޭރުގައި އެތައް އިރެއްވަންދެން ތިއްބެވެ.
އޭ. ޖީ. ރިފްޢަތަކީ ޤާނޫނީ އެއްވެސް ކަމަކަށް ކުފޫ ހަމަވާ މީހެއް ނޫން. ޤާނޫނާ ޚިލާފަށް ހައުސިން މިނިސްޓަރު އެތައް ހާސް ރައްޔިތުންގެ ޙައްގުތަކަށް އަރައިގަތުމުން ދަލު ބޭރުން ޖެހިގެން މަޖިލިސް އަށް ވަދެ ގަނެގެން މިއަދު އެ ދެއްކި ދެއުޅި އެއްނުވާ ވާހަކައިން ވެސް މީނާގެ ނާގާބިލުކަން ޢާންމު ރައްޔިތުންނަށް ހާމަވެއްޖެ