ގޮސިޕް ގާލްގެ ތަރި އެޑް ވެސްޓްވިކްއާއި އޭނާގެ ލޯބިވެރިޔާ ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި އެމީ ޖެކްސަން އިޓަލީގައި ކައިވެނި ކޮށްފި އެވެ.
އިޓަލީގެ ސަރަހައްދެއް ކަމަށްވާ އަމަލްފީ ކޯސްޓްގައި އެ ދެމީހުން ކައިވެނި ކޮށްފައިވަނީ އާއިލާއާއި ގާތް ރަހްމަތްތެރިންނާއެކު ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.
ކައިވެނީގެ ފޮޓޯތައް އެޑްގެ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ހަޔާތުގެ ދަތުރު އަދި ކިރިޔާ ފެށުނީ ކަމަށެވެ. އެ ފޮޓޯތަކުގައި އެމީއާއި އެޑް ހުދު ކައިވެނި ހެދުމުގައި ތިބި މަންޒަރު ފެނެ އެވެ.
މިއަހަރުގެ ޖެނުއަރީ މަހު އެންގޭޖްވި އެމީއާއި އެޑް ވަނީ އެ މީހުންގެ އެންގޭޖްމަންޓް ފާހަގަ ކުރުމަށްޓަކައި ޕާޓީއެއް ވެސް ބާއްވާފަ އެވެ.
އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެމީ މީގެ ކުރިން ބުނެފައިވަނީ އެޑް ދެކެ އެންމެ ލޯބިވާ އެއް ސަބަބަކީ އޭނާގެ ދަރިފުޅު އެންޑްރިއާސްއާއި އެޑްއާ ދެމެދު އޮންނަ ގުޅުން ކަމަށެވެ.
އެޑްއާއި އެމީގެ ކައިވެންޏާއެކު އާއްމުންނާއި ފިލްމީ ދާއިރާގެ ފަރާތްތަކުން ވެސް އަންނަނީ އެ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.