މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ވާނީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން އަދި ސީއީއޯގެ މަގާމަށް ވަޑައިގަންނަވާ ދެބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.
ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައި ވަނީ މެއިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި ޕްރައިވަޓައޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބޭންކްގެ ބޯޑަށް 3 މެންބަރުން ޢައްޔަންކުރައްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް މިމަހު އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތާއި ސިންގަޕޫރުގެ ދެ ބޭފުޅަކާއި ދިވެއްސެކެވެ. އެ ބޭންކުގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ މއ. ވޭސައިޑް 805 ފްލެޓް އަހުމަދު އަލީ އާއި، ސިންގަޕޫރުގެ ސައީދު އަބްދުއް ނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދުގެ އިތުރުން އިނގިރޭސިވިލާތުގެ ރޮބަޓް ޑެނިއެލް ކާންޓް އެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ޑިވެލޮޕްމަންޓް ބޭންކުގެ ވެރިންނަށް ވަޑައިގަންނަވާނީ ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ. މިގޮތުން ރައީސް މުއިއްޒު ވަނީ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން އަދި ސީއީއޯގެ މަގާމަށް ޢައްޔަންކުރެއްވުމަށް ނިންމަވާފައިވާ ދެބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުވުމުގެ ކުރިން އެމަނިކުފާނު ދެއްވި ޚާއްސަ މެސެޖެއްގައި ވަނީ މިއީ ރާއްޖޭގެ އިގްސާދު ކުރިއެރުވުމަށް ކުރެވޭ މުހިންމު އަދި ތާރީޚީ މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ވަރަށް އަވަހަށް ބޭންކް ގާއިމުކުރެވި ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބޭންކު ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިން ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ކަމަށެވެ.
"ވަރަށް ތާރީޚީ ކަމެއް މިފެށެނީ. ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށްޓަކައި އިގްތިސާދު ސިންދަފާތުކޮށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ގެންގުޅުއްވާ މެނިފެސްޓޯގެ އެންމެ މުހިއްމު އެއްބައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ،" ރައީސް ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކު އުފެއްދެވުމުގެ މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާއިރު، ވަރަށް އަވަހަށް ބޭންކުން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.