ބޮލީވުޑްގެ ކުރީގެ ތަރި އަޔޭޝާ ޓާކިއާ، އޭނާގެ އިންސްޓަގްރާމް އެކައުންޓް އަލުން އެކްޓިވޭޓްކޮށް ފާޑުކިޔާ މީހުންނަށް ހޫނު ރައްދެއް ދީފި އެވެ.

އާދީއްތަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ވަގުތު އޭނާ ހުރީ ދިރިއުޅުމުގެ ވަރަށް ހަމަޖެހޭ ހިސާބެއްގައި ކަމަށެވެ.

ނުސީދާ ގޮތެއްގައި އަޔޭޝާ ބުނެފައި އެވަނީ އޭނާއަށް މިހާރު ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އިންސްޓަގްރާމަށް ޕޯސްޓްކުރި ފޮޓޯތަކަކާއެކު އަޔޭޝާގެ ބުރުސޫރައަށް އާއްމުންގެ ފުރައްސާރަ ލިބެން ފެށި އެވެ. ނަތީޖާއަކަށްވީ އަޔޭޝާ އޭނާގެ އިންސްޓަގްރާމް ވެސް ޑީއެކްޓިވޭޓް ކުރުމެވެ.

އެހެން ނަމަވެސް އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ސޯޝަލް މީޑިއާއަށް އެނބުރި އައިސް އަޔޭޝާ މިވަނީ އެ ފުރައްސާރައަށް ރައްދު ދީފަ އެވެ.

އަޔޭޝާއަކީ 2000ގެ ކުރީކޮޅު ނުކުތް "ވޯންޓެޑް"، "ޕާތުޝާލާ" އަދި "ސަލާމް އޭ އިޝްގް" ފަދަ ފިލްމުތަކުން އާއްމުންގެ ތަރުހީބު ހޯދި ތަރިއެކެވެ.