ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުން މަޝްހޫރުކަން ހޯދި ދިވްޔާ ބާރްތީގެ ކުއްލި މަރާއެކު އޭރުގެ ބޮލީވުޑް ޕްރޮޑިއުސަރުންނަށް ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

ދިވްޔާ މަރުވިއިރު ޖުމްލަ 12 ފިލްމަކަށް ސޮއިކޮށް މަސައްކަތް ނުނިމި ހުރިއިރު އޭގެ ތެރެއިން ތިން ފިލްމެއް ވަނީ އޭނާގެ މަރާއެކު އެއްކޮށް ހުއްޓާލާފަ އެވެ. ބާކީ ހުރި ނުވަ ފިލްމު ވަނީ އޭރު ބޮލީވުޑްގައި މަޝްހޫރު އަންހެން ތަރިންނަށް ދޫކޮށްލާފަ އެވެ. އެގޮތުން ދިވްޔާގެ ފިލްމުތައް ނެގި ތަރިންގެ ތެރޭގައި ސްރީދޭވީ، ރަވީނާ ޓަންޑަން އަދި ތާބޫ ހިމެނެ އެވެ.

އެ ނުވަ ފިލްމުގެ ތެރެއިން ފަސް ފިލްމެއް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދިއިރު އޭގެ ތެރެއިން ވެސް ތިން ފިލްމުގައި ދިވްޔާގެ ރޯލު ކުޅެފައިވަނީ ރަވީނާ ޓަންޑަން އެވެ.

ރަވީނާގެ ކެރިއަރުގައި އޭނާ ކުޅުނު އެންމެ ކާމިޔާބު ތިން ފިލްމު ކަމަށްވާ "މޮހްރާ"، "ދިލްވާލޭ" އަދި "ލާޑްލާ"އަކީ ހަގީގަތުގައި ދިވްޔާއަށް ހުށައެޅުނު ފިލްމުތަކެވެ.

1993 ވަނަ އަހަރު ދިވްޔާ ދިރިއުޅެމުން ދިޔަ ވަރްސޯވާ އެޕާޓްމަންޓްގެ ފަސްވަނަ ބުރިން ވެއްޓި މަރުވިއިރު އޭނާއަކީ އޭރު ބޮލީވުޑްގައި އުޅުނު އެންމެ އަގުބޮޑު އެއް އަންހެން ތަރި އެވެ.

އުމުރުން އެންމެ 19 އަހަރުގައި މަރުވި ދިވްޔާގެ މަރުގެ ފަހަތުގައި ނޭނގޭ އެތައް ކަމެއް ވާކަމަށް އަޑު ފެތުރުނު ނަމަވެސް އޭނާގެ މައިންބަފައިން ވަނީ އެކަން ދޮގުކޮށްފަ އެވެ.