މީގެ 37 އަހަރު ކުރިން ނުކުތް ބޮލީވުޑްގެ ކާމިޔާބު ފިލްމު "މިސްޓަ އިންޑިއާ" އަލުން ސިނަމާތަކުގައި އަޅުވަން އުޅޭ ކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރެއް ކަމަށްވާ ޝޭކަރް ކަޕޫރު ދީފި އެވެ.

ޝޭކަރު އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި "މިސްޓަ އިންޑިއާ" ބޮޑު ސްކްރީންގައި ބަލާލުމުގެ ފުރުސަތު ލިބުނީ ކޮންބަޔަކަށްތޯ އަހާފައިވާއިރު އަލުން ފިލްމު ސިނަމާތަކަށް ގެންނަން ވެއްޖެ ކަމަށް ބުނެފައިވެ އެވެ.

ޝޭކަރުގެ މި ޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ އުފާ ފާޅު ކުރަމުންނެވެ. އެގޮތުން މިސްޓަ އިންޑިއާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމަކަށް ވާއިރު އެ ފިލްމު އަލުން ސިނަމާގައި އެޅުވުމަކީ ރަނގަޅު ހިޔާލެއް ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

"މިސްޓަ އިންޑިއާ" އަލުން ބޮޑު ސްކްރީނަށް އަންނަ ވާހަކަ ފެތުރިފައި މިވަނީ ކުރީގެ ފިލްމުތަކެއް އަލުން ސިނަމާތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަ ދުވަސްވަރެއްގަ އެވެ.

އެގޮތުން "ލައިލާ މަޖްނޫ"، "ރޮކްސްޓާ"، "ގޭންގްސް އޮފް ވަސޭޕުރް" އަދި "ރެހެނާ ހޭ ތެރޭ ދިލް މޭން"އަކީ މިއަހަރު އަލުން ސިނަމާތަކުގައި އަޅުވާފައިވާ ނުވަތަ އަޅުވަން ހަމަޖެހިފައިވާ ފިލްމުތަކެވެ.

ސްރީދޭވީއާއި އަނިލް ކަޕޫރުގެ އިތުރުން އަމްރިޝް ޕޫރީ ލީޑު ރޯލުތަކުން ފެންނަ "މިސްޓަ އިންޑިއާ"އަކީ އެ ފިލްމު ފުރަތަމަ އެޅުވިއިރު 1987 ވަނަ އަހަރު ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.