ބްރެޑް ޕިޓްއާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ވަރަށް މަޖާ ކަމެއް ކަމަށް އޭނާއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ ބުނެފި އެވެ.

ދާދި ފަހުން އޮތް ވެނިސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އެންމެ ފުރަތަމަ މަޖާ ގޮތަކަށް ކްލޫނީ ބުނީ ބްރެޑް ޕިޓްއާއެކު މަސައްކަތް ކުރުމުގައި ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ފަހުން ކްލޫނީ ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ދަންނަ ގާތް ރަހުމަތްތެރިއަކާއެކު މަސައްކަތް ކުރުމަކީ މަޖާ ކަމެއް ކަމަށެވެ.

ކްލޫނީއާއި ބްރެޑް އެކުގައި މަސައްކަތްކުރި ބައެއް ފިލްމުތަކުގެ ތެރޭޭގައި "ކޮންފެޝަންސް އޮފް އަ ޑޭންޖަރަސް މައިންޑް"، "ބާން އާފްޓާ ރީޑިން"، "އޯޝަން ޓްރިއޮލޮޖީ" އަދި ކުރިއަށް އޮތް ފިލްމު "ވުލްފްސް" ހިމެނެ އެވެ.

ކްލޫނީ ވެނިސް ފެސްޓިވަލްއަށް ދިޔައީ އަންހެނުން އަމާލް ކްލޫނީއާއެކުގަ އެވެ. ހަމަ އެ ހަފްލާއަށް ބްރެޑް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ އިނެސް ޑި ރަމޮންއާއެކުގަ އެވެ.

ކްލޫނީ ބްރެޑްއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި މިވަނީ ބްރެޑްއާއި އެންޖެލީނާ ޖޯލީގެ ވަރީގެ ސަބަބުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކްލޫނީއާއި ބްރެޑް ވަނީ މީގެ ކުރިންވެސް އެ ދެމީހުންގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާފަ އެވެ.