މަތީގައިވާ ފޮޓޯގައި އެ ފެންނަނީ ކޮން ބައެއްކަން މިހާރު ފަހަރުގައި ނޭނގިދާނެ އެވެ. އެހެން ނަމަވެސް މިއީ ދިވެހިންނާ ވެސް ވަރަށް ގާތް، ދެކެފަރިތަ މޫނުތަކެކެވެ.

މީގެ 25 އަހަރު ކުރިން، 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ސްޓާ ޕްލަސްއިން ދެއްކި "ސޯންޕަރީ" ސީރީޒްއަކީ ހާއްސަކޮށް އޭރުގެ ދިވެހި ކުޑަކުދިންގެ މެދުގައި މަގުބޫލުވި ޝޯ އެކެވެ.

ފޮޓޯއިން އެ ފެންނަނީ އެ ޝޯގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔަ މްރިނަލް ކުލްކަރްނީ (ސޯންޕަރީ)، ތާންވީ ހެގްޑޭ (ފްރޫޓީ) އަދި އަޝޯކް ލޯކަންޑޭ (އަލްތަމާޝް) އެވެ.

https://www.instagram.com/p/C_aHxJsNBEV/?utm_source=ig_embed&ig_rid=cdd9c5f4-f8da-49cf-b756-88645968f7e7&img_index=1

ޝޯ ނިމުނުތާ ވިހި އަހަރު ފަހުން ފުރަތަމަ ފަހަރަށް މި ތިން ތަރިން އެކުގައި ފެނިގެންދިއުމަކީ 90ގެ ކުޑަކުދިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މިހާރު އުމުރުން 32 އަހަރުގެ ތާންވީ އެ "ރީޔޫނިއަން"ގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރި އެ ފޮޓޯގައި ފެންނަނީ ޝޯގެ އަސްލު ޕޯސްޓަރާ އެއްގޮތަށް މްރިނަލްއާއި އަޝޯކްގެ މެދުގައި ތާންވީ ހުއްޓިގެން ހުންނަ މަންޒަރެވެ.

އެ ޕޯސްޓު ހިއްސާކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޕޯސްޓު ވަނީ ވައިރަލްވެފަ އެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންގެ ކުޑައިރުގެ ހަނދާންތަކާއި އެ ޝޯ ގުޅިފައިވާކަން ފާހަގަ ކުރަމުންނެވެ.

8 އަހަރުގެ ކުއްޖަކާއި އޭނާގެ ހަޔާތުގައި ބައްދަލުވާ ޖާދޫގެ ޕަރީއެއްގެ ވާހަކަ ދައްކުވައިދޭ "ސޯންޕަރީ"އަކީ ދެހާހުގެ އަހަރުތަކުގައި ވަރަށް މަގުބޫލުވި ޝޯއެކެވެ.