ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ހަދާ ބައޯޕިކްއެއްގައި އެމާ ރޮބާޓްސް ލީޑު ރޯލު ކުޅޭ ކަމަށް ބުނެ ފެތުރެމުން އަންނަ ހަބަރުތައް އޭނާ ދޮގުކޮށްފި އެވެ.

ކޮސްމޯޕޮލިޓަންއަށް ދިން އިންޓަވިއުއެއްގައި އެމާ ބުނެފައިވަނީ ބްރިޓްނީގެ ކެރެކްޓަރު ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް ފެތުރެމުން އަންނަ އަޑުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

"އެއީ އަހަރެންގެ ހުވަފެނެއް. އެކަމަކު ހިތާމައަކީ އެއީ ހަގީގަތެއް ނޫންކަން. ކޮންމެވެސް ދުވަހަކުން އެއީ ހަގީގަތަކަށް ވާނެ ކަމަށް އުއްމީދު ކުރަން" އެމާ ބުންޏެވެ.

މި ހަބަރުތައް މީޑިއާގައި އެންމެ ފުރަތަމަ ފެތުރެން ފެށީ ބްރިޓްނީގެ ބައޯޕިކްއަކަށް އެންމެ އެކަށީގެންވާ ތަރިއަކީ އެމާ ކަމަށް ބްރިޓްނީގެ ކުރީގެ އެސިސްޓަންޓް ބުނި ހިސާބުންނެވެ.

އެމާއަކީ ވަރަށް ކުރީއްސުރެ ފާޅުގައި ބްރިޓްނީއަށް ސަޕޯޓުކުރާ ބްރިޓްނީގެ ބޮޑު ސަޕޯޓަރެއްގެ ގޮތުގައި މީޑިއާއިން އަބަދުވެސް ފާހަގަކުރާ ފަންނާނެކެވެ.

ބރިޓްނީގެ ބައޯޕިކްއެއްގެ މަސައްކަތް ރަސްމީކޮށް އިއުލާން ކުރެވިފައި ނެތް ނަމަވެސް ޕްރޮޑިއުސަރު މާކް ޕެލްޓްއާއެކު ސިއްރު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބްރިޓްނީ މީގެ ކުރިން ބުނެފައިވެ އެވެ.

އެއާއެކު މި ސިއްރު ޕްރޮޖެކްޓަކީ އޭނާގެ އަމިއްލަ ބައޯޕިކް ކަމަށް މީޑިއާގައި އަޑު ފެތުރެން ފެށިއިރު އެ ފިލްމުގައި ފެންނާނެ ތަރިން ވެސް މީޑިއާއިން ދިޔައީ ލަފާ ކުރަމުންނެވެ.